Tuesday, March 10, 2009

ފަހަތުންއަރާ 9 ލަނޑު ޖެހުމުން ވޭމަންޑޫ މެޗު ދޫކޮށްލީ ކަމަށްބުނެ ތިމަރަފުށިން އެފްއޭއެމަށް މައްސަލަ ހުށަހަޅައިފި

އަތޮޅު ފުޓްބޯޅަ މުބާރާތުގައި ހިމެނޭ ތ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު މެޗުގައި ވޭމަންޑޫން 4 ލަނޑު ޖަހައިގެން ފުރަތަމަ ހާފުގައި ބޮޑު ލީޑެއް ނަގާފައިވަނިކޮށް ފަހުހާފުގައި ކިނބިދޫން 9 ލަނޑު ޖަހައިގެން 4-9ން މޮޅުވުމުން ވޭމަންޑޫން މެޗު ދޫކޮށްލީ ކަމަށް ބުނެ ތިމަރަފުށިން އެފް އޭ އެމަށް މައްސަލަ ހުށަހަޅައިފި އެވެ.

ތިމަރަފުށީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލު އާލިމް އަބްދުލް ވައްހާބު ބުނީ އިއްޔެގެ މެޗު ދޫކޮށްލިކަން އެނގެން އެބަހުރި ކަމަށެވެ. ”ފުރަތަމަ ހާފުގައި ވޭމަންޑު މިއޮތީ 4 ލަނޑުން ކުރީގައ. ފަހުހާފުގައި ކިނބިދޫން ލަނޑުތައް ޖެހީވެސް ވަޒަންތަކެއް ފޮނުވާލާހާ ކައިރިކައިރީގައި. އަނެއްކާ ގުޅާފައިވެސް މެޗު ތެރޭގައިވެސް ބުނެފަ އެބަހުރި މިވެނި އަދަދަކަށް ސްކޯ ނެރޭނަމޭ.“ އާލިމް ބުންޏެވެ.

އާލިމް ބުނީ މި މައްސަލަ އެފް އޭ އެމަށް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

މެޗަށް ނުކުތްއިރު ދެ ޓީމަށްވެސް ފައިނަލުގެ ފުރުސަތު އޮތެވެ. 3 ލަނޑުގެ ތަފާތަކުން މޮޅުވެއްޖެނަމަ ކިނބިދޫއަށް ފައިނަލުގެ ފުރުސަތު އޮތްއިރު 4 ލަނޑުގެ ތަފާތަކުން މޮޅުވެއްޖެނަމަ ވޭމަންޑޫއަށްވެސް ފައިނަލުގެ ފުރުސަތު އޮތެވެ. ފުރަތަމަ ހާފު ފަށައިގެން ވޭމަންޑޫން މޮޅަށް ކުޅެ 0-4 ލަނޑުގެ ލީޑެއް ނެގިއެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓީމު އޮތީ ރޫޅިފައެވެ. ކުޅުންތެރިން ކުޅެންވެސް ނޫޅޭކަމަށް މެޗު ބެލި ފަރާތްތަކުން ބުނެއެވެ. ނަތީޖާއަކަށްވީ ކިނބިދޫން ފަހުހާފުގައި 9 ލަނޑު ޖަހައިގެން 4-9 ލަނޑުން މޮޅުވެގެން ފައިނަލަށް ދިޔުމެވެ. މިމެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ފައިނަލުގެ ފުރުސަތު ކުޅިބަލަން ތިބި ތިމަަރަފުއްޓަށްވެސް އޮތެވެ.

މާދަމާ ކުޅެން ޝެޑިއުލްކޮށްގައި އޮތް ފައިނަލުގައި ކިނބިދޫ އާއި ދެކޮޅަށް ނުކުންނާނީ ހިރިލަންދޫ އެވެ. ހިރިލަންދޫ ފައިނަލަށް ދިޔައީ ހަތަރުމެޗުގެ ތެރެއިން ފުރަތަމަ ތިން މެޗުން މޮޅުވެގެންނެވެ.

ތިމަރަފުށިން މެޗު ދޫކޮށްލި މައްސަލަ ޖައްސާއިރު މިމަހުގެ 8 ވަނަ ދުވަހު ތިމަރަފުއްޓާއި ހިރިލަންދޫ މެޗުން 1-5 ލަނޑުން ތިމަރަފުށި މޮޅުވުމަކީވެސް ޤަބޫލު ކުރެވޭ ނަތީޖާއެއް ނޫން ކަމަށް މެޗު ބެލި ފަރާތްތަކުން ދަނީ ބުނަމުންނެވެ.